ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ އެޕިސޯޑްގެ މައުޟޫއު އަކީ މާލޭގެ މަގުތައް ތަރައްކުރުމެވެ.
ރައީސް މުއިއްޒު ވަނީ މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ކަމަށް ވިދާޅުވެ، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނޭ ފަދަ ޕާކިން ސަރަހައްދެއް ކަނޑައަޅުއްވާފައިވާނެ ކަމަށެވެ.
އެގޮތަށް އެ މަގު ހަދައި ނިމުމުން އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަމަށާއި އެތެރޭގެ މަގުތަކަށްވެސް ލުއިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މި ފިޔަވަހި ނިމުމާއެކު ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.
އެއީ އެ މަގުގައި އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައި އޮތް ސަރަޙައްދުކަމަށާއި، އެ ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

