ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ މޮޑެލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
ސީޕްލޭނަށް ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތައް ހުރުމުން އެކި ހާލަތްތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
”އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދެވަނަ އާރްއެފްޕީގެ މަސައްކަތް މިހާރު ކުރަމުން މިދަނީ،“ އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެކި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތައް ބަލައި މިހާރު ނިމިފައިވާ ކަމަށާއި، އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ގަވައިދުތަކުގެ ދަށުން އެ ބަޔަކަށް އޮޕަރޭޓަރު ސެޓްފިކެޓު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެއެވެ.
ފަތުރުވެރިން އުފުލުމުގެ އިތުރުން، މި ޚިދުމަތުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

