އެޗްޑީސީން ބުނިގޮތުގައި، މި ކާނިވަލް ކުރިއަށް ދާނީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ޖުމްލަ 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލްގައި ހުރިހާ އުމުރުފުރާއަކާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ އަދި އިންފްލޭޓަބަލްސް ހިމެނެއެވެ.
މީގެ އިތުރުން ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތައް ވެސް ކާނިވަލްގެ އެކި ދުވަސްތަކުގައި ފެނިގެންދާނެއެވެ.
މި ކާނިވަލަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ.

