ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ހިމަނާފައި ހުންނަ ކާބޯތަކެތި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭ ކަމަށް ދޭހަވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ގިނަ އުފެއްދުންތަކެއް މާކެޓަށް ނެރެ، އެ ތަކެތި ބޭނުންކުރަން ހިތްވަރުދީ، އެއާ ގުޅޭ މައުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ އިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ކުރާ ކަންކަމުގެ ސަބަބުން މައުލޫމާތު އޮޅި ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑު މީހުންނާއި، ގާތުންކިރުދޭ މައިންނަށް އެފަދަ ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑު ކަމަށްވެސް ބުންޏެވެ.

ކާބޯތަކެތީގެ އުފެއްދުމެއް މާކެޓް ކުރުމަށްޓަކައި ބޭނުންކުރާ މައުލޫމާތު އެކި މަންސަތަކުގައި ޝާއިއުކޮށް ދައުރުކުރުމަކީ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެހެންވެ ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެއްކަންވެސް ހަނދާންކޮށްދީފައިވެ އެވެ.

ކާބޯތަކެތި އިޝްތިހާރުކުރާނަމަ އެކަން ކުރަން އޮންނަ އުސޫލުން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.