މިސްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އާދިލް އިބްރާހީމް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.

އަދި ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވައި، ހާއްސަކޮށް މިސްރުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތައުލީމުގެ ސްކޮލަރޝިޕްގެ ފުރުސަތުތަކަށާއި، މިސްރުގެ ސިއްހީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ހިދުމަތްތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި މިސްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ، ސަގާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ތައުލީމީ ދާއިރާ އާއި، ސަލާމަތީ އަދި ދިފާއީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމި ތިބޭނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެ އާއި މިސްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.