މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 394.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 394.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 128.0 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 207.89 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މެއި މަހުގައެވެ.
އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ހިލޭ އެހީގެ ގޮތުގައި 28.2 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 907.80 އިންސައްތަ އިތުރުވެ، 284.2 މިލިއަން ރުފިޔާއަށް އަރާފައެވެ.
ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ލިބުނު ހިލޭ އެހީގެ ޖުމްލަ އަދަދު ވަނީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 373.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 10.80 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 17,132.8 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި 18,982.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މުޅި އަހަރަށް ލަފާކޮށްފައިވާ 40,374.5 މިލިއަން ރުފިޔާގެ އާމްދަނީއާ ދިމާއަށް ދާކަން އަންގައިދޭ ކަމެކެވެ.
މެއި މަހުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 2,812.0 މިލިއަން ރުފިޔާއިން 2,835.1 މިލިއަން ރުފިޔާއަށް (0.82 އިންސައްތަ) އިތުރުވެފައެވެ.
ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ.

