ހަތަރު ލޭން ހިމެނޭހެން އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު ހެދުމުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި ވީޑިއޯއެއް ހިއްސާ ކުރައްވައިފައެވެ.

 

އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އެ ޑިޒައިންތަކަކީ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމާއި އެސަރަހައްދުގެ ބަނދަރުތަރައްގީ ކުރުމުގެ އިތުރު ފޭސްތައް ކަމަށެވެ.

އެގޮތުން އެ ހުރިހާ މަސައްކަތްތަކާއި އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދައި ނިމޭނެ ކަމަށެވެ.

ރައީސް ހިއްސާކުރެއްވި ޑިޒައިންތަކުގައި ވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު ހެދުމަށް ނިންމާފައިވާ ގޮތުގެ މަންޒަރެވެ.

ޑިޒައިންތަކުން ފެންނަ ގޮތުގައި އިއްޔެ ހުޅުވި ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ބައިވެސް ހެދި ގޮތަށް އެ ސަރަހައްދުތައް ތަރައްގީ ކުރާނެއެވެ.

 

އެގޮތުން ހަތަރު ލޭނަށް ބޮޑުކޮށް ފުޅާކޮށް އެ ސަރަހައްދު ވެސް ހެދުމަށް ނިންމާފައިވާ އިރު، އެ ބައި ވެސް ހަދަން ނިންމާފައިވަނީ ދިވެހި ރުއް އިންދައި ގަސްތަކުން ޒީނަތްތެރި ކުރާ ގޮތަށެވެ.