ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު، ބައިވެރިވެވަޑައިގެންފިއެވެ.
މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެއިތުރުން، ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.
މި ރަސްމިއްޔާތު ނިންމަވާލެއްވީ ވަނީ ގައުމީ ސަލާމުންނެވެ.
ގައުމީ ސަލާމް ހުށައަޅައިދިނީ ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީންނެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.

