މި އަހަރުގެ “ރައްކާ ރޯޑްޝޯ”ގދ. އަތޮޅުގައި ފަށައިފިއެވެ.

މި މަހު 9 އިން 19 ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި އެ އަތޮޅުގެ ރަށްރަށުގައި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ހަރަކާތުގެ ތެރެއިން، ގދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އުފެއްދުމަށާއި، ރައްކާތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

އެގޮތުން، ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމާއި، ފަހިރާސްތާ ޕްރޮގްރާމާއި، ބެލެނިވެރިންނާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދޭނެއެވެ.

މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އިފްތިތާހުކޮށް، މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަމާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.