މިއަހަރުގެ ނިޔަލަށް އަސާސީ ބޭސް ހުރިހާ ރަށެއްގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގީލާ ވިދާޅުވީ ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސް ފިހާރަތަކަށް އަދި ދިގުމުއްދަތަކަށް މީހުން ބޭނުންކުރާ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތަށް ކުރެވޭ މަސައްކަތުން މި އަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ ގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް ގީލާ ވިދާޅުވިއެވެ.
އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އިން ހާއްސަ ހޮޓްލައިނެއް ވަނީ ތައާރަފްކޮށްފައެވެ.
މި ހޮޓްލައިން ނަންބަރަކީ 1505އެވެ.
މި ހޮޓްލައިނަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ނަންބަރު މެދުވެރިކޮށް ބޭސް ހޯދުމާއި ބޭހާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، އަސާސީ ބޭސްތަކަށް އޯޑަރު ދިނުމާއި، ދީފައިވާ އޯޑަރުތަކުގެ އަދާހަމަ ބަލާލުމުގެ ހިދުމަތްވެސް މި ނަންބަރު މެދުވެރިކޮށް ލިބޭނެއެވެ.

