ސިފައިން ތަމްރީނު ކުރުމުގެ 75 ވަނަ ކޯސް ފަށައިފިއެވެ.

އެކަމަށްޓަކައި އިއްޔެ ރޭ ގިރިފުށީ ޓްރޭނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރު، ބްރިގޭޑިއަ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައި ދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައި ދެއްވުން އޮތެވެ.

ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައި ދެއްވީ ކޮމްޕެނީ ކޮމާންޑަ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީގެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައި ދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓަރު ކެޕްޓަން އަހްމާދު ޝާތިރެވެ.

މި ކޯހުގައި 149 ދަރިވަރުން ހިމެނޭ އިރު އޭގެ ތެރޭގައި 27 އަންހެން ދަރިވަރުން ވެސް ހިމެނެއެވެ.

ސިފައިން ތަމްރީނު ކުރުމުގެ 75 ބަނަ ބުރު ގިރިފުށީގައި ފެށި އިރު، 74 ވަނަ ބުރުގެ ޓްރެއިނިން މިދިޔަ މަހުގެ 24 އިން ފެށިގެން އެމްްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް އެބަދައެވެ. އެ ކޯހުގައި 156 ދަރިވަރުން ހިމެނޭ އިރު އޭގެ ތެރޭގައި 24 އަންހެން ދަރިވަރަކު ހިމެނެއެވެ.