ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތައް އިސްރާއީލާ ގުޅުންހުރި ކުންފުނިތަކަށް ނުވިއްކޭނެ ގޮތަށް ހަރުދަނާ އިންތިޒާމްތައް ގާއިމުކުރާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރެއްވީ ލިންކްޑްއިންގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމަކުންނެވެ. އެލިޔުމުގައި މިނިސްޓަރު ބަޔާންކުރެއްވީ، ފަލަސްތީނުގެ މައްސަލައާގުޅޭގޮތުން ރާއްޖެ ގެންގުޅަމުންދާ ހާރިޖީ ސިޔާސަތަށް ބަދަލެއް ނުގެނެސް، ރަސްމާލެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ބިން އަދި ޕްރޮޕަޓީތައް އެއްކޮށް މިލްކުކުރެވޭ އުސޫލެއް ނެތްކަމާއި، ކަނޑައެޅޭ ހަރުދަނާ ގާނޫނީ އުސޫލުތަކާއި ޝަރުތުތަކުގެ ދަށުން ހުއްދަލިބޭ ފަރާތްތަކަށް ބިން ދޫކުރާނީ ލީސްގެ ގޮތުގައި ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

އަދި، ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި ހިއްސާދާރުން، ފައިނޭންސްކުރާ ފަރާތްތަކާއި ސޭލްސް އޭޖެންޓުންގެ ތެރޭގައި އިސްރާއީލާ ގުޅުންހުރި ފަރާތެއް ނުހިމެނޭނެކަން ކަށަވަރުކުރުމަށް ވަކި މިންގަނޑުތަކެއް ގާއިމުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން، ޕްރޮޕަޓީ ގަންނަ ކޮންމެ ފަރާތަކުންވެސް މިހާރުގެ އަދި ކުރީގެ ރައްޔިތުކަމާބެހޭ މައުލޫމާތު ފުރިހަމައަށް ދައްކަން ލާޒިމުވާނެއެވެ. މައުލޫމާތު ފޮރުވުމާއި ނުވަތަ ދޮގު މައުލޫމާތު ދިނުމަކީ ގުޅުންހުރި އެއްބަސްވުން ބާތިލުކުރުމާއި، ޕްރޮޕަޓީ ދައުލަތުގެ މިލްކަށް ނަގުމާއި، ދައްކާފައިވާ ފައިސާ ދައުލަތަށް ނެގޭނެ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަކި ގައުމަކާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ވަކި މީހުންނަށް ވިއްކޭ ޕްރޮޕަޓީގެ އަދަދު މަދުކުރުމާއި، ވިއްކޭނެ މިންވަރު ކަނޑައެޅުމުގެ އުސޫލުތަކެއް ވެސް އެކުލަވާލާނެކަމަށް މުއްތަލިބު ބަޔާންކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއުގެ ތެރެއިން ހުރިހާ މަރުހަލާއެއްގައިވެސް ދިވެހި ރައްޔިތުންނަށް ހާއްސަ އިސްކަމެއް ދޭނެކަމާއި، ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ ފުރުސަތުތައް ފަހިކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބިދޭސީންނަށް ކަނޑައެޅޭ ލިމިޓުތައް ދިވެހި ރައްޔިތުންނަށް ނުހިނގާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.