މާލޭގެ މަޖީދީމަގު ހުންނަ ”އަތަމާ ޕެލެސް“ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 17:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 17:44 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ރެސްޓޯރަންޓްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ރޯވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

