މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ޙާލު ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން  މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އޭނާއަށް ހިތްވަރު ދެއްވައިފިއެވެ.

މި ޒިޔާރަތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދް ފިކްރީވެސް ބައިވެރިވެލެއްވިއެވެ.

އިޙްސާން ވަނީ، އެއްވެސް ފަސްޖެހުމެއްނެތި ޤައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ކޮށްދެމުން ގެންދާ އަގުހުރި ޚިދުމަތް ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު، އިޙްސާން ވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި ޢާއިލާއަށް ހިތްވަރު ދެއްވައި، ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އިހުސާން ވަނީ ޢާއިލާއަށް ދެއްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ.

އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ. އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި ފުލުސް އޮފިސަރުގައި ގައިގައި ޖެހިގެންނެވެ.