ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްފިއެވެ.
މި މަސައްކަތް ފަށައިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދެ އިމާރާތަކުން ދެ ކުއްޖަކު ކައިރި ކައިރީގައި ވެއްޓި، އެއް ކުއްޖަކު ނިޔާވެފައި ވަނިކޮށެވެ.
މި ހާދިސާތަކާ ގުޅިގެން، ހުޅުމާލޭގެ ބެލްކަނިތަކުގައި ރެއިލިން ހަރުކޮށްދޭން އެދުމަށް އެޗްޑީސީން ހުޅުވާލިއެވެ.
މިދިޔަ މަހު ފަހަކުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެ ކަމަށް އެދުނެވެ.
އެޗްޑީސީ އިން ބުނީ އެ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައިވާ ކަމަށާއި މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސެޕްޓެންބަރު ތިންވަނަ ދުވަހު އެޗްޑީސީން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.

