މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އިން ހާމަކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ތަމްރީނުތައް ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 5:00 އިން 9:00 އަށް ކަމަށެވެ.

އަދި އެ ވަގުތުތަކުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ސިފައިން ޔުނިފޯމްގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާދަމާގެ މި ތަމްރީނުތަކުގެ އިތުރުން މި މަހުގެ 14، 17، 19، 20 އަދި 21 ވަނަ ދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 11:59 އަށް އދ. މާމިގިލީގައި ވެސް އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާމިގިލީގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ފްލެއަރސް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މި ފްލެއަރސްތައް ދަތުރުކުރާނީ އެ ރަށުގެ ވަށައިގެންވާ ސަރަހައްދުން 300 މީޓަރު ދުރުމިނަށް އަދި 300 މީޓަރު އުސްމިނަށެވެ.