އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ، މައުރަޒުގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ. މި މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއިރު، އޭގެތެރެއިން 419 މީހަކު ވަނީ 4،404 އުފެއްދުން ބައިވެރިކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކުރި ޢަދަދާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ.
އެގޮތުން، 321 އަމިއްލަ ފަރުދުންނާއި 75 ވިޔަފާރިއަކާއި ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން، ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ބައިވެރިވެފައެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި، އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ޘަޤާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ.
920 އުފެއްދުމާއެކު، ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ.
މީގެއިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ވަރަށް ގިނަ ޢަދަދެއްގެ މޮޅެތި އުފެއްދުންތައް މިފަހަރުގެ މައުރަޒުގެ ތެރެއިން ފެނިގެންދާނެއެވެ.
9 ދުވަހުގެ މުއްދަތަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު، ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

