ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު އަޒަރުބައިޖާންއަށް ފުރާވަޑައިގަންނަވައިފިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި އޮކްޓޫބަރު މަހުގެ 27 އިން 29 އަށް ބާއްވާ އިންޓަކަލްޗަރަލް ޑައިލޮގްގެ ހަތްވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ވަޒީރު ހީނާ ވަލީދު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

މިފޯރަމްގައި މިނިސްޓަރު ހީނާ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 އިން 29 އަށް ”ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް“ މި ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރަމްގެ ފުރަތަމަ ދުވަހުއެވެ.

މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި ”ބާކޫ ޕްރޮސެސް“ ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ޖޮއިންޓް ސެޝަންގައިވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެއެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.