ބަނދަރާއި މިސްކިތް ފަދަ މަޝްރޫއުތަކުން ތަަރައްގީ ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވައި އެމްޑީޕީގެ ބައެއް މެމްބަރުން، އަމީރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޓްވިޓަރގައި އާންމުވި ވީޑިއޯއިން ފެންނަނީ އަމީރު ޓީވީ ޕްރޮގްރާމެއްގައި ކުރީ ސަރުކާރަށް ފާޑު ވިދާޅުވާ މަންޒަރެވެ. އޭނާ ވިދާޅުވަނީ ރަށްރަށުގައި ބަނދަރާ މިސްކިތާ ބަށި ކޯޓުތައް ސަރުކާރުން ނާޅާ ކަމަށް ނުބުނާ ކަމަށާއި، އެފަދަ ކަންކަމަކީ ހަގީގީ ތަރައްގީ ނޫން ކަމަށެވެ. އަދި ތަރައްގީ އަކީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ ފަދަ މަޝްރޫއުތައް ކަމަށްވެސް ވިދާޅުވިއެވެ.

އަމީރުގެ ވީޑިއޯ ހިއްސާ ކުރައްވައި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ، އޭރު އަމީރުމެން އެގޮތަށް ވާހަކަ ދެއްކެވިއިރު، ރައްޔިތުން މިއަދު އެ ބޭފުޅުންނަށް އިތުބާރު ކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑެ) އަމީރުގެ ވީޑިއޯ ހިއްސާ ކުރައްވައި ވިދާޅުވީ ތަރައްގީ އަކީ ހަމައެކަނި ބޮޑު ހިލަ ބަނދަރެއް ނޫން ކަަމަށް ވިދާޅުވެ، ވެރިކަން ލިބިވަޑައިގަތުމުން، ތަރައްގީ މިނާ ނާޅި އަކީ ކޮންކްރީޓް ކަަމަށް ހަދައި ނިންމައިފި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާ ކޮމެޓީން، ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވަނީ ސަރުކާރުން ހަަމައެކަނި ބަނދަރު ތަރައްގީ ކުރުން ފަދަ ކަންކަން ކުރާ ކަމަށް ވިދާޅުވެ، ފާޑު ކިޔުއްވާފައެވެ. އޭނާ ވިދާޅުވީ އެފަދަ މަޝްރޫއުތަކަކީ އަސާސީ ހައްގުތައް ކަމަށެވެ.