ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭގްމަންޓް އޮތޯރިޓީ (އެންޑިއެމްއޭ) އިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަމަށް މިއަދު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން މިހާތަނަށް ރަށުގެ ތިން ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑިއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ، މިހާރު ވާރޭ އެއްކޮށް ހުއްޓާލާފައިވުމުން، ރަށުގެ ހަތަރު ފަރާތުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.