ފުލުހުންގެ ހިދުމަތުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ”އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް“ މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 8 އާ ހަމަައަށެވެ. އިސްކަންދަރު ކޮށީގައި ކުރިއަށްދާ ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސަކީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކޮންފެރެންސެކެވެ.
ކޮންފަރެންސްގައި އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިގެން ދާނެ ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.
ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.

