ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 1،200 ގަސް ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި އިއްޔެ މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގަސް އިންދުން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފު ކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

