ވިލިނގިލީގައި ހުންނަ ސިނަމާލެ ހަތަރެއް ފްލެޓްތަކުގެ ވެރިން ދައްކަން ޖެހުނު ޖޫރިމަނާ މާފު ކޮށްދީފިއެވެ.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 77 ވަނަ ރަސްމީ އާންމު ޖަލްސާގައި މިކަން ހާމަކުރައްވައި، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، މިކަން ކާމިޔާބު ކުރެވުނީ ކައުންސިލުން ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ ބުރަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

”ކައުންސިލުން މިކަމުގަ ކުރި މަސައްކަތަށް، އިރާދަކުރެއްވިއްޔާ މިވަނީ ކާމިޔާބީ ލިބިފަ. 20 ނޮވެމްބަރުގައި (ފިނޭންސް މިނިސްޓްރީން) އޮތް ސިޓީއެއް އަޅުގަނޑުމެންނަށް އެބައިން ފޮނުއްވާފަ، ސިނަމާލެ 4 ގެ ފްލެޓްތަކުގެ ވެރިން ދައްކަން ޖެހޭ ކަމަށްވާ ޖޫރިމަނާ ފައިސާ، އެއީ ފަސްލައްކަ ސާޅީސްހާސް ނުވަސަތޭކަ ސާޅީސް ފަސް ރުފިޔާ މާފު ކޮށްދެއްވި ކަމަށް.“ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވިލިނގިލީ ފްލެޓްތަކުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު، މިހާރު ކުރަމުންދަނީ މާލޭގެ ފަސް ފްލެޓްގެ މަސައްކަތް ކަމަށެވެ. އެއީ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1، އަދި 2އެވެ. އެގޮތުން ކޮންމެ ފްލެޓެއްގެ ބޭފުޅުންނާ ބައްދަލު ކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވިލިނގިލީ ފްލެޓްތަކުގެ ޖޫރިމަނާ މާފު ކޮށްދިނުމަށް އެދި ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް، މާލެ ސިޓީ ކައުންސިލުން ގިނަ ސިޓީތަކެއް ފޮނުވަން ޖެހުނުކަން މޭޔަރު އިއްޔެ ފާހަގަކުރެއްވިއެވެ.

އިއްޔެގެ ރަސްމީ އާންމު ޖަލްސާގައި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ ސިނަމާލެ ހަތަރެއްގެ ޖޫރިމަނާ ކައުންސިލުގެ މަސައްކަތުން މާފުވެގެން ދިޔުމަކީ ވަރަށް އުފާ ކުރައްވާ ކަމަށެވެ.

”އަޅުގަނޑުގެ ދާއިރާގެ 33 އާއިލާގެ ހައްގުގައި ކައުންސިލުން ކުރި މަސައްކަތް ކާމިޔާބު ވެފައިވާތީ، އަޅުގަނޑު ހަމަ އުފާ ކުރާ ވާހަަކަ ދަންނަވާލަން ބޭނުން.“ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވަނީ މިކަމުގެ އުފަލުގައި މާދަން ހަވީރު ސިނަމާލެ 4ގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަ ސައި ފޮދެއް ބޭއްވެވުމަށްވެސް ނިންމަވައިފައެވެ.