ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުންނަށް މަސްދަޅު ކޭސް ބެހުމަށް ދައުލަތުގެ ބަޖެޓުން 86.8 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

Advertisement
Advertise with us
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ރޯދަމަހު މަސްދަޅު ކޭސް ބެހުމަށް 81 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ބަޖެޓް ފޮތުގައިވާ މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު، މި ޚަރަދު ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން 2028 ވަނަ އަހަރު މަސްދަޅު ބެހުމަށް 90.9 މިލިއަން ރުފިޔާ އަދި އޭގެ އަނެއް އަހަރު 95.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ފަހުން ބޭއްވި ރޯދަމަހު ރާއްޖޭގެ 111,000 އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ބަހާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 40,000 އަށް ވުރެ ގިނަ ގޭބިސީއާއި، އަތޮޅުތަކުގެ 70,000 އަށް ވުރެ ގިނަ ގޭބިސީއެވެ.

ނިމިދިޔަ ރޯދަމަހަށް ހާއްސަކޮށް ސަރުކާރުން ދިން މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 24 ގައެވެ. އެ ފަހަރު މަސްދަޅު ކޭސްތައް ދޫކޮށްފައިވަނީ މިފްކޯގެ އައުޓްލެޓްތަކުގެ އިތުރުން މަސްދަޅު ބެހުމަށް ހާއްސަކޮށް ކަނޑައެޅި މަރުކަޒުތައް މެދުވެރިކޮށެވެ.