ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު އެއްވެސް މައްސަލައެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިއްޔެ އައްޔަންކުރި ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް، އަޝްރަފް ޢަލީ ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާއެކު ބަރަހަނާ ހާލުގައި ހުރި ފޮޓޯއެއް ރޭ މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކުރިން އެމީހުންގެ ކުށުގެ ރެކޯޑު ސާފުކޮށް، އެއްވެސް މައްސަލައެއް އޮތްތޯ ބަލާ ކަމަށެވެ.

ދައުލަތުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރީގަ އެބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކުރާނެ. އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ ބަލާނެ. މައްސަލައެއް އޮތް ކަމަށް ވާނަމަ މަގާމަކަށް އެޕޮއިންޓް (އައްޔަން) ނުކުރާނެ. ތި ވިދާޅުވާ ކަހަލަ ތުހުމަތެއް އުޅޭ ކަމަށް ވާނަމަ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ.

 

ނަމަވެސް އަޝްރަފްގެ މައްސަލަ ސަމާލުކަމަށް އައިސްފައި ވާކަމެއް ނުވަތަ އޭނާގެ މައްސަލަ ބަލަމުންދާ ކަމެއް މިއުވާން ސާފުކޮށްދެއްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުވެފައިވާ ފޮޓޯ އަކީ މީގެ އެތައް އަހަރެއް ކުރިން ލީކުވެ، ބައެއް މީހުންގެ މެދުގައި ދައުރުވެފައިވާ ފޮޓޯއެކެވެ. އަޝްރަފު ވިދާޅުވާ ގޮތުން އޭނާގެ އެފަދަ އެއްވެސް ފޮޓޮއެއް، އަދި ވީޑިއޯއެއްވެސް ނުހުންނާނެއެވެ.