ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫނީގެ ބާވަތެއް ކަމުގައިވާ ވައްލަތަކެއް، މާލޭގެ ފަޅުތެރޭގައި މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.

މި މައްސަލައާ ގުޅިގެން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީ.ޕީ.އޭ) އިން ވިދާޅުވީ، މާލޭ ދެކުނުފަރާތު ހާބަރަށް ވަންނަ ސަރަޙައްދުން މަރުވެފައި އޮއްވައި ފެނިފައިވަނީ 15 ވައްލަ ކަމަށެވެ.

ގެންގުޅުމުގެ ތެރޭގައި ދޫނިތައް މަރުވުމުން، ފަޅުތެރެއަށް އެއްލައިލީ ކަމަށް ބެލެވޭ ކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ، އެކަން އީޕީއޭއާ ހިއްސާ ކޮށްދިނުމަށްވެސް އެ އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.

ވައްލައަކީ ހިމާޔަތް ކޮށްފައިވާ ދޫންޏަކަށްވާއިރު، މިފަދަ ދޫނި ގެންގުޅެ، އަނިޔާ ދިނުމަކީ މަނާ ކަމެކެވެ.