ބަޖެޓަށް ވޯޓު ނުދެއްވި މައްސަލައިގައި ލަސްނުކޮށް އަޅާނެ ފިޔަވަޅެއް އެޅުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެދިވަޑައިގެންފިއެވެ.
ބޮންޑެ މިހެން ވިދާޅުވީ ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރެއްވި ޓްވީޓެއްްގައެވެ.
އިއްޔެ މަޖިލީހުގައި ނެގުނު ވޯޓުތަކަށް އެމްޑީޕީން ތްރީލައިން ވިޕް ނެރުނު ނަމަވެސް އެ ޕާޓީގެ ހަތް މެމްބަރަކު ވަނީ އެ ވިޕްލައިނާ ހިލާފުވެފައެވެ. އޭގެތެރޭގައި ބޮންޑެ ވެސް ހިމެނެއެވެ. ވިޕްލައިނާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ބޮންޑެ ވިދާޅުވީ ކޮވިޑް ހާލަތުގެ ދަރަނި ވެރިވެ ފަގީރުވި ނިކަމެއްޗަކަށް ހިލޭ ދިއްކޮށްލާ ޕްލާސްޓިކް ކޮތަޅަކަށް 5،000 ރުފިޔާ އާއި 50،000 ރުފިޔާ ކަމަށާއި، އަނިޔާވެރި ބޮޑެތި ޖޫރިމަނާ ކުރަން ވޯޓެެއް ނުދެވޭނެ ކަމަށެވެ.
ކޮވިޑްހާލަތުގެ ދަރަނިވެރިވެ ފަގީރުވި ނިކަމެއްޗަކަށް ހިލޭ ދިއްކޮށްލާ ޕްލާސްޓިކް ކޮތަޅަކަށް 5،000ރ. އާއި 50،000ރ އަނިޔާވެރި ބޮޑެތި ޖޫރިމަނާ ކުރަން ވޯޓެެއް ނުދެވޭނެއެވެ ..ލަސްނުކޮށް އަޅާނެ ފިޔަވަޅެއް އަޅާށެވެ . . https://t.co/nt9bCNVCLT
— Ibrahim Rasheed (@BondeM4) November 28, 2022
”ލަސްނުކޮށް އަޅާނެ ފިޔަވަޅެއް އަޅާށެވެ.“ ބޮންޑެ ވިދާޅުވިއެވެ.
ބަޖެޓު ފާސް ކުރުމަށް ވޯޓު ދެއްވާފައި ނުވަނީ، ރައްޔިތުންގެ މަޖިިލީހުގެ، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެމްބަރުންނެވެ.
