އެމްޑީޕީގެ ވިޕްލައިނާ އެއްގޮތަށް ޢަމަލުކުރުމަކީ އަބަދުވެސް ޤަބޫލުކުރާ އުސޫލުކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލަކީ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން ދެބަޔަށް ބެހުނުއިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ތިއްބެވި ފަޅީގައި މީގެކުރިން ހުންނެވި ބޭފުޅެކެވެ.
މީކާއީލު ކުއްލިއަކަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަޅިއަށް ޖެހިވަޑައިގެންނެވި ކަމަށް ބެލެވިގެން، އޭނާއަށް ފާޑު އަމާޒުވެފައިވާއިރު އިބްރާހިމް ޒަރިޔަންދު ކުރެއްވި ޓުވީޓެއްގައި އެއްސެވީ މީކާއީލްގެ ބަސްމަގު ބަދަލުވެ ހަރަކާތުގެ އަމާޒު އޮޅުނީ ޢާއިލާ ބޭފުޅަކަށް ވަޒީފާއެއް ލިބިގެންތޯއެވެ
މީކާއީލް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށާއި މިއަދާ ހަމައަށް “ޢާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ ނުވަތަ އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން“ ކަމަށެވެ.
އަދި އެމްޑީޕީގެ ވިޕްލައިނާ އެއްގޮތަށް ޢަމަލުކުރުމަކީ އަބަދުވެސް ޤަބޫލުކުރާ އުސޫލުކަމަށެވެ.
