ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯދަން އުޅުމަކީ ކަނޑުމަގުން ހަނދަށް ދިއުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓްގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ނިންމަވައިފައެވެ. މިކަމާ ގުޅިގެން ތޯރިގު ވިދާޅުވީ ސިޔާސީ ނުފޫޒަށް ދީލައި ނުލުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނުފޫޒަށް ހުކުމްކުރި ފަނޑިޔާރުންނަށް ވީގޮތް އިިބުރަަތަކަށް ފުދޭ ކަމަށެވެ. އަދި ކުރިން ވަރުގަދަކަން ދެއްކެވި ފަނޑިޔާރުން ކަމަށްވާ ސައީދާއި އަލީ ހަމީދު މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައިވެ އެވެ.

”ރައީސް ސޯލިހު، ވެރިކަމުގެ އިތުރު ދައުރެއް ހޯދުން އެެއީ ކަނޑުމަގުން ހަނދަށްދާން އުޅުންކަހަލަ ކަމެއް.“ ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޮތުގައި މިހާރު މިކަން މި ދަނީ ނިމެން ކަމުގައެވެ.

ޓޮމް ތުހުމަތުކުރެއްވި މަހާޒްގެ ސުލޫކީ މައްސަލައެއް މި ދަނޑިވަޅުގައި ބަލަން ނިންމީ ދަށު ކޯޓްގައި ހުކުމް ކުރަން އޮތް ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒުފޯރުވުމުގެ ގޮތުންނެވެ.