ޑްރޯން ދުއްވާ ފަރާތްތަކުން އަންނަ އަހަރުން ފެށިގެން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގަވައިދެއް ހެދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.
ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޑްރޯން ދުއްވުމަށް ނަގަން ޖެހޭ ހުއްދައިގެ ކަންކަން ނިމޭނެ ކަމަށެވެ.
”އެހެންކަމުން ދިވެހިރާއްޖޭގައި ޑްރޯން ބޭނުން ކޮށްގެން ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު އިރާދަކުރެއްވިއްޔާ ހުއްދަ ދޫކުރަން ފެށޭނެ،“ މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިޝަލް އިބްރާހިމް މުހައްމަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތް ދިނުމަށްޓަކައި ބޭރު ގައުމުތަކުގައިވެސް މިކަމަށް ހަދާފައިވާ ގަވައިދުތައް ނަމޫނާއަކަށް ބަލައިގެން ގަވައިދުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ގަވައިދުތައް ހަދާ ނިމި އަންނަ އަހަރު އަމަލު ކުރަން ފަށާނެ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.
ބައެއް ސަރަހައްދުތަކުގައި ޑްރޯން ދުއްވުމަށް މިހާރުވެސް އެމްއެންޑީއެފުން ހުއްދަ ނަގަން ޖެހެއެވެ. ނަމަވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ޑްރޯން އޮޕަރޭޝަންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދޫކުރާ ހުއްދަތަކާއި ޑްރޯން ދުއްވުމަށް އެމްއެންޑީއެފުން ނަގަންޖެހޭ ހުއްދައަކީ ތަފާތު ދެ ހުއްދައެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
