އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފައިވާ، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވެލައްވަނީ ނަލަ ކެމްޕެއިނަކުން، އެ އިންތިހާބު ނިންމައިލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 28 ވަނަ ދުވަހުގައެވެ. މި އިލެކްޝަނުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދަށް ތާއީދު ފޯމް ހޯދުމުގެ މަސައްކަތް އިއްޔެ ހަވީރު ވަނީ ފަށައިފައެވެ..ނަޝީދަށް ތާއީދު ފޯމް މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ  އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުންނެވެ.

ނިހާދު ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ކެމްޕެއިން ފެށީވެސް ފިތުނައިން ކަމަށެވެ. އޭނާ ވަނީ ފިތުނައިގައި ނުޖެހި ރީއްޗަށް މިކަން ކުރުމަށްވެސް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނިހާދު މިހެން ވިދާޅުވީއިރު، އެމްޑީޕީގެ އާއްމު މެންބަރުންގެ ތެރެއިން 39،900 މެންބަރުން، ވަކި މުއްދަތެއްގެ ތެރޭގައި ވަކިވާނެ ކަމުގެ ނިންމުމެއް ނިންމެވުމަކީ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީގައި އޮތް ތާއީދު ކުޑަކޮށްލުމަށް ކުރި ކަމެއް ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރެއެވެ.