ބައެއް ސިޔާސީ ލީޑަރުން، ކެމްޕެއިން ކުރެއްވުމަށް ބޭނުންކުރައްވާ މައިގަނޑު އުކުޅަކީ، އެހެން ބޭފުޅުންގެ ބޮލުގައި ދޮގު ތުުހުމަތު އަޅުވައި، ބަގު ބަދުނާމު އެޅުވުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔުއްވައިފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތި ވަމުން އަންނައިރު، މި އިންތިހާބަށް އެ ޕާޓީގެ ދަފްތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތުތަކަށް ނުސީދާކޮށް ރައްދު ދެއްވައި، މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ކުރައްވައި، ތާއީދު ހޯއްދެވުމަށް ބައެއް ސިޔާސީ ލީޑަރުން ގެންގުޅުއްވާ މައިގަނޑު އުކުޅަކީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތާ ވަގު ބަދުނާމު އެޅުވުން ކަމަށެވެ.
”އެބޭފުޅުން އެކަނި އަމާނާތްތެރިންނަކީ. އެބޭފުޅުންގެ އެއްވެސް އަމިއްލަ އެދުމެއްވެސް ނޯންނާނެ.“ މަވޯޓާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ޖެނުއަރީމަހުގެ 28 ވަނަ ދުވަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމައިފައިވާއިރު، މި އިންތިހާބުގައި ވާދަކުރައްވާނީގެ، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ.
