ކޮންމެ ފަދަ މަގާމެއް ލިބުނަސް، ބޮޑާ ވާކަށް ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ކިބުރުވެރި ނުވުމަކީ ޤުރުއާނުން އެނގޭ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮންމެ ފަދަ މަގާމެއް ލިބުނަސް ކިބުރުވެރިވެ، ފޮނިވެ ބޮޑާވެގެން ނުވާނެ ކަމަށެވެ.
އެގޮތުން މަގާމަކީ ތާއަބަދަށް ދާއިމަށް އޮންނަ އެއްޗެއް ނޫން ކަމަށާއި އަބަދުވެސް މީހުންތައް ދާނީ ބަދަލުވަމުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
”އެއް ދުވަހު މިކަހަލަ މަގާމެއް. އަނެއް ދުވަހު ވަޒީރުކަމުގައި، އަނެއް ދުވަހު އެހެން ކަމެއްގައި. އެ ބަދަލުވެގެންދޭ. އެހެންވީމަ ލިބޭ އެއްވެސް ކާމިޔާބީއެއްގެ މައްޗަށް، ލިބޭ މަތިވެރިކަމެއްގެ މައްޗަށް، މަގާމެއްގެ މައްޗަށް އަމިއްލަ އަށް ތިމާ ކިބުރުވެރިވެ، ފޮނިވެ މާ ޝަރަފުވެރިވުމަކީ އެއީ މިފަދަ މާތް ކަމެއްގެ ފެށުމުގައި ވިސްނާލަންޖެހޭ ކަމެއް.“ ފައިސަލް ވިދާޅުވިއެވެ.
މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ކުރިން ފައިސަލް ވަނީ ”މަޚުރަޖާނުލް ޤުރުއާން“ އިފްތިތާޙްކޮށްދެއްވާފައެވެ.
ތިން ބަޔަކަށް ކުރިޔަށް ގެންދާ، ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 1023 ބައިވެރިން ކިޔަވާނެއެވެ.
