ހިޔަޅެއްގެ ފޭރާން ބަދަލު ކުރިޔަސް ވާނީ ހިޔަޅަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެެވެ. އެމަނިކުފާނުގެ ޓްވީޓުގައި ”ހިޔަޅު“ ނިސްބަތް ކުރެއްވީ ރައީސް ސޯލިހަށެވެ.
މިއަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މ.ކޮޅުފުށީގައި ބޭއްވި ޖަލްސާގައި، ލިޔެފައިވާ ތަގްރީރެއް ވިދާޅުވިއިރު، ރައީސް ސޯލިހު ވަނީ ކީރިތި ކުރައްވައިފައެވެ. އެމަނިކުފާނު ކީރިތި ކުރެއްވީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން މިއީ ރައީސް ސޯލިހު ކުޅުއްވި ޑްރާމާއެއް ކަަމަށް ވިދާޅުވަމުން ގެންދަވާއިރު، ޖަމީލު ވިދާޅުވީ ސިޔާސީ ބޭނުމަށް، ހިތާމަތަކާ، ސުނާމީ ކާރިސާ ފަދަ ކަންކަން ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
”ރައީސް ސޯލިހުގެ މިޒާޖު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި، ރައީސް މުހައްމަދު ނަޝީދަށް ކުރާ އަނިޔާތަކުން އެނގޭ.“ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޖަމީލު ލިޔުއްވާފައިވެއެވެ.
ސިޔާސީ ބޭނުމަށް ހިތާމަތަކާއި ސުނާމީ ކާރިޘާ ފަދަ ކަންކަން ބޭނުންކުރުން ހުއްޓާލަންޖެހޭ. ރ. @ibusolihގެ މިޒާޖް ރ. @prz_ymn އަށާއި ރ. @MohamedNasheed އަށް ކުރާ އަނިޔާތަކުން އެނގޭ. ހިޔަޅެއް ފޭރާން ބަދަލުކުރިޔަސް ހަމަ ވާނީ ހިޔަޅަކަށް. pic.twitter.com/Dk9moFUioZ
— Mohamed Jameel Ahmed (@MJameelAhmed) December 27, 2022
ޖަމީލު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު އަދިވެސް މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ދަށު ކޯޓުގެ ހުކުމް، ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އަވަސް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދެއްވިއެވެ.
