ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެގޮތުން ސަފީރު އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރޭ ޚުޠުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވާ އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
އަދި އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތްކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
