މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ސެޕްޓެންބަރު ދޭއް ނުވަތަ ނުވަވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް މި މަހު 15 ގައި ކޮމިޝަނުން ނިންމައި އިއުލާން ކުރާނެ ކަމަށްވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެންބަރު 21 ނުވަތަ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ދެ ބުރު ވޯޓް ނަގަން ޖެހުނެވެ. ފުރަތަމަ ބުރުގެ އިންތިހާބު ބާތިލު ކުރުމުން 2013 ވަނަ އަހަރު އަލުން އިންތިހާބު ބާއްވަންވެސް ޖެހުނެވެ.