އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން ގެންގުޅެވޭ ކަހަލަ ބޭފުޅުންނަށް ކަމަށް ހޯމް މިނިސްޓަރު، އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ގެންގުޅެން އެނގުމަކީ ކަންކަން ކުރަން ރަނގަޅަށް އެނގުން ކަމަށެވެ.
”އެންމެ ރަނގަޅަށް ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖްކުރެވޭ މީހަކަށްކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލު ކުރަމުން އަންނަ ހަގީގަތެއް.“ އިމްރާން ވިދާޅުވިއެވެ.
އިމްރާާން މިހެން ވިދާޅުވިއިރު، މި ދުވަސްވަރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރި ވަރަށް ގަދަ ދުވަސްވަރެކެވެ. މި އިންތިހާބާ ގުޅޭގޮތުން އިމްރާން އެކ ޓްވީޓްތައް ކުރައްވަމުން އަންނައިރު، އޭނާ ތާއީދު ކުރައްވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. މި އިންތިޚާބުގައި ރައީސާ ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
