މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އިއްޔެގެ ހަރަކާތް ނިންމާލިއިރު، ލިބުނު ޖުމްލަ އަދަދަކީ 313,397.90ރ. ކަމަށެވެ. އަދި އެހީ ދިން ފަރާތްތަކަށް ކައުންސިލުން ޝުކުރު އަދާކުރެއްވިއެވެ.

”ޗާލު މިސްކިތް“ ފަންޑް ރެއިޒިން އިވެންޓް މިއަދު ވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން މިއަދު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް މަދުވެގެން ނުވަ މިލިއަން ރުފިޔާ ބޭނުންވެއެވެ.

”ޗާލު މިސްކިތް“ ފަންޑް ރެއިޒިންގެ ތެރެއިން ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ކައުންސިލްގެ އެކައުންޓް 7730000467623 އަށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ.

މި ހަރަކާތުގައި ބައިވެރިނުވެ ވެސް، މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމާއި ކައުންސިލްގެ ވެބްސައިޓުގައިވާ ޕޭމަންޓު ޕޯޓަލް މެދުވެރިކޮށް ވެސް އެ ހަރަކާތަށް ފައިސާ ހަދިޔާ ކުރެވޭނޭ ކަމަށް ކައުންސިލުން ހާމަކުރައްވައެވެ.