ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 16،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފްލެޓްތަކަށް މި އަހަރުގެ ތެރޭގައި ވަދެވޭވަރު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި ބޭޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހަދަމުންދާ 7،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި މާލޭ ރައްޔިތުންނަށް ދޫކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި 5،000 ގޯތި ދޫކުރުމާ ގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.
އެގޮތުން އެމި ސަރުކާރުން އަޅަން ފެށި ފްލެޓްތައް މި ދައުރުގެ ތެރޭގައި ނިންމައި، ފްލެޓަށް ބޭނުން ވެފައިވާ މާލޭގެ ރައްޔިތުންނަށް އެ ތަންތަނަށް ވެދެވޭ ވަރު މިއަހަރުތެރޭ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިި އެވެ.
”ފްލެޓްގެ ވާހަކަ ވެސް އެހެން ބޭފުޅަކު ދައްކާނެ ކަމެއް ނެތް. ގޯތީގެ ވާހަކަ ވެސް އެހެން ބޭފުޅަކު ދައްކާނެ ކަމެއް ނެތް. މިއީ މިކަން އޮތް ގޮތް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވިއިރު، މި މަހުގެ ފަހުކޮޅުގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމަނިކުފާނަކީ ފްލެޓް ދޮންބެ ކަމަށާއި، ދެންވެސް ރައްޔިތުންނަށްޓަކައި ފްލެޓް އަޅުއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.
