އައްޑޫ ސިޓީ ފޭދޫގައި އަޅަން ނިންމާފައިވާ އާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީއާ ބިން ހަވާލުކޮށްފިއެވެ.
އެ ސިޓީ ކައުންސިލްގެ ފަރާތުން މިނިސްޓްރީއާ ބިން ހަވާލުކުރީ ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ފޭދޫ ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރަން އެ އަވަށުން ހިއްކާފައިވާ ބިމުގައި އިމާރާތްކުރަން ހަމަޖެހިފައިވާ އާ ސްކޫލްގެ ބިމުގެ ރަމްޒީ ލިޔުމާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމިކަން ސަރުކާރުން މިދިޔަ އަހަރުގައި އިއުލާނު ކުރިއިރު، އެ ސްކޫލް އަޅާނެ ބިން މިދިޔަ އަހަރު ފާސްކުރި ފޭދޫގެ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ހިމަނާފައިވެއެވެ. އަދި އެ ސްކޫލަށް މި އަހަރުގެ ބަޖެޓްގައި ފައިސާ ވެސް ހިމަނާފައިވެއެވެ.
