ފުލުހުންގެ މި ނޫ ޔުނީފޯމުގެ މާނައަކީ ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށްދިޔަ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ ކޮންމެ ފުލުހަކުވެސް ފުލުހުންގެ ޔުނީފޯމުގެ އަގު ހިފަހައްޓަން މަސައްކަތްކޮށް ނުގުޑާފަދަ އަޒުމެއްގައި ހިތްވަރާއި ސާބިތުކަމާއެކު ދެމިތިބެގެން ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އަދި ރައްޔިތަކަށް ބޮޑުވެއްޖެ ކޮންމެ ކަމެއްގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭ އެންމެ ފުރަތަމަ ފަރާތަކަށް ވާންވާނީ ފުލުހުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި ރައްޔިތުންނަށް ވެދޭ އެހީތެރިކަން ވާންވާނީ ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަމާއެކު ފޯރުކޮށްދޭ ޚިދުމަތުގެ މައްޗަށް ބިނާވެފައިކަން ފުލުހުންގެ މަސައްކަތުގައި ދައްކައިދޭންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން އަބަދުވެސް އެތައް އުންމީދެއް ކުރާކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހަންޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ވާހަކައަށް އިޖާބަނުދީ ފުރަގަސްދީގެން ނުވާނެކަމަށެވެ.
އަދި ހަމައެހެންމެ ކުށާއި ކުށުގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރަންންޖެހޭ ކަމަށާއި، ފުލުހުންކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ ރައްކާތެރި މުޖުތަމައުތަކެއް ބިނާވެގެން ދިޔުންކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ހަގީގަތަކަށް ހެދޭނީ ޒިންމާދާރު، ޖަވާބުދާރީ ކުރުވަނިވި ޚިދުމަތަކަށް ހެދިގެން ކަމަށާއި ކުރާކޮންމެ ކަމަކާއި ނުކޮށް ދޫކޮށްލާ ކޮންމެ ކަމަކަށް ޖަވާބުދާރީ ވާންޖެހޭކަން ގަބޫލުކޮށްގެންކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ އެންމެ ބޮޑު އަމާޒާއި މަގުސަދާއި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް ހާސިލުވެގެންދާނީ މިދެންނެވި ހުރިހާ ކަމެއް ރަނގަޅަށް ކޮށްގެންކަން ކޮންމެ ފުލުހަކުވެސް ދަންނަންޖެހޭނެކަމަށް ވިދާޅުވިއެވެ.
ހަމަ މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ބަޔާންކޮށްފައިވާ ފަދައިން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ އަދި ޒިންމާދާރުކަމާއެކު ޚިދުމަތް ފޯރުކޮށްދޭ އަދި ހާމަކަންބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދޭ މުއައްސަސާއަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހަޔާތުގެ ކޮންމެ ދުވަހެއްވެސް ހޭދަކުރަންވާނީ ރައްޔިތުންގެ ޚިދުމަތުގައިކަމަށާއި ރައްޔިތަކާ ބައްދަލުވާ ކޮންމެ ވަގުތެއް އެއީ އަގުހުރި ޚިދުމަތެއްދެވޭނެ ވަގުތެއް ކަމުގައި ދެކިގެން މަސައްކަތްކުރުން މުހިންމުކަމާއި ތަފާތެއް ގެނެސްދެވޭނެ، ނުތަނަވަސްކަން ފިލުވާލައި ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު ޚިދުމަތްކުރުމުގެ ނަމޫނާ ދައްކަމުންދާނެ ބައެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
އޭގެ އިތުުރން، ކޮވިޑް 19 އިގެ އާލަމީ ވަބާގައި ދިވެހިރާއްޖެ ފުރަބަންދުވެގެން ދިޔައިރު ދިވެހި ފުލުހުން ވަނީ ނަމޫނާ ޚިދުމަތެއް ދައްކަވާފައިކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ފާއިތުވި ދުވަސްތަކުގެ ދަތިކަމާއެކު ގިނަގުނަ ކާމިޔާބީތަކެއް ފުލުހުން ހޯދާފައިވާކަމަށެވެ. އަދި ފުލުހުންގެ ބަދަހި ސަފުތަކުގެ ތެރެއަށް މިރޭ ދަސްވެނިވެ ރައްޔިތުންގެ ޚިދުމަތަށް ނުކުންނަ ފުލުހުން އެއްވެގެން ދިޔުމުން ފުލުހުންގެ މަސައްކަތަށް އިތުރު އާރޯކަމާއި ތިޔާގިކަން ލިބެމުންދާނެކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުން ކުރާ އުންމީދާއި ޒަމާން ބަދަލުވަމުންދާ ހަލުވި މިނުގައި ފައިހަމަ ކުރުމަށް ފުލުހުންގެ ތަމްރީނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ވުޖޫދަށް ގެނެވި މަސައްކަތްތަކެއް ކުރެވެމުންދާއިރު ކޮލެޖް އޭގެ ހަމައިސްކޮޅަށް ތެދުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
އަދި ފުލުހުންގެ ކަންކަމުގައި ކަނޑައެޅޭ މިންވަރުތަކާއި ދެވޭ ތަމްރީނާއި އެއްސީދާވާންޖެހޭ ކަމަށާއި މުވައްޒަފުންގެ ކިބައިގައި މަސައްކަތުގެ ވައްޓަފާޅި އަށަގެންނެވުމަށް ތަމްރީނުގެ ތެރެއިން މަސައްކަތް ކުރުމާއި އޮޕަރޭޝަނަލް ކޮންމެ ހާލަތަކަށްވެސް ހުރިހާ ގޮތަކުން ފިޓު މަލްޓި ސްކިލްޑް ފުލުހުންތަކެއް ބިނާކުރުމާއި ކުށްކުރުން މަދުކޮށް ކުށް ވިޔަނުދިނުމަށް ބޭނުންވާނެ އީޖާދީ ކަންކަން ދެނެގަތުމާއި މިނޫންވެސް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ މާހައުލެއް ގާއިމުކުރުމުގައި ކޮލެޖްގެ ދައުރު ބޮޑުކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި އެންމެބޮޑު ބަދަލެއް ފެންނަންވާނެ ތަނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ކަމަށް ވިދާޅުވިއެވެ.
