ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާތް މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފަޅިއަށް އަރާވަޑައިގެން ކެމްޕެއިން ފައްޓަވައިފިއެވެ.

މިކަން ހާމަކުރައްވައި ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސިރާޖުގެ އިތުރުން ނަޝީދުގެ ގާތް މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު(މޯޑް) އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވެސް ވަނީ ރައީސް ސޯލިހު އަށް ތާއީދުކުރައްވަން ނިންމަވާފައެވެ.