ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ، ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
އީވާ ”ސޯސަލް“އަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެއްޖެނަމަ، ބޮޑުވަޒީރުކަން ބޭނުންވާ ކަމަށާއި، އެކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.
އީވާގެ ބޮޑުބޭބެއެއް ކަމަށްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ރާއްޖެ އަށް ބަރުލަމާ ނިޒާމު ގެންނަވަނަ ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ނަޝީދު ވެސް ބޮޑުވަޒީރަކަށް ވަޑައިގަންނަވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.
އަދި ރާއްޖެ އަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެ ނިޒާމު ގެނެވެމުން އޭނަ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ނަޝީދު މިދިޔަ އަހަރު ވަރަށް ބޮޑަށް ވަކާލާތުކުރެއްވިއެވެ.
