މި ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑާލާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ހުށަހެޅި އެއްވެސް ކަމަކަށް އެއްބާރުލުން ނުދީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ހޭދަވެގެން ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ ކުންފުނި އުފައްދަން ބޭނުންވާ ހުއްދަ ނުދީ އެއް އަަހަރާއި ހަތަރު މަސް ފާއިތުވެގެން ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކައުންސިލްގެ ސްޓްރެޓެޓިކް އެކްޝަން ޕްލޭންގައި ހުރި ގިނަ ކަންކަން މާލީ ގޮތުން ދެކޮޅުޖެހޭ ހަރުދަނާ އަދި ދެމެހެެއްޓެނިވި ގޮތެއްގައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެވިފައިވާ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ ފަރާތުން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނިކޮށް އެމްޓީސީސީ އަށް އެތަނުގައި ބަހުގެ ހިދުމަތް ގާއިމްކުރުމަށް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން މުއިއްޒު ވަނީ ފާޅުކޮށްފައެވެ.
