ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީއިން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާތީ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 86 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ނިމިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތްތަކާއި، އެނޫން ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯގެ ފަރާތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެންނެވެ.

މޭޔަރު ވިދާޅުވީ މި ޢަމަލަކީ ސްޓެލްކޯ ފަދަ ރައްޔިތުންނަށް ޢާއްމު ޚިދުމަތެއް ދެމުންދާ ކުންފުންޏަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، މިކަން ކޮށްފައިވަނީ ކައުންސިލުން ކަރަންޓް ބިލް ނުދައްކައިގެން ނޫންކަމަށެވެ.

އަދި މިކަން ކޮށްފައިވަނީ ކުންފުނީގެ އެމްޑީއަށް އަޑުއިވުނު ޔޯލަ ވާހަކަތަކަށް ބިނާކޮށްކަމަށް މޭޔަރ މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ނުދައްކާ ހުރި ބައެއް ބިލްތައް ހުރިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މޭޔަރު އިތުރަށް ވިދާޅުވީ އާންމު ޚިދުމަތްތަކަކީ މިފަދައިން ކުންފުނިތަކުގެ ވެރިން ބޭނުންވީމަ ބޭނުންގޮތެއް ހެދިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް މިފަދަ ބާރެއް ލިބިފައި އޮތް ނަމަވެސް މިގޮތަށް ޢަމަލު ނުކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

އަދި މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދެމުންދާ އެއްވެސް ހުއްދައެއް ހުއްޓުވާފައި ނުވާނެ ކަމަށާއި، އެއީ ކައުންސިލުން ކުރާނެކަމެއް ނޫންކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސްޓެލްކޯ އަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްނަމަ މިފަދައިން ޢަމަލު ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ކަރަންޓުގެ ޚިދުމަތަކީ ލާމަރުކަޒީ ޤާނޫނުގައި ބުނާ ޢާއްމު ޚިދުމަތެއް ކަމަށާއި، މިއީ މިހެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިއިރު ސްޓެލްކޯއިން ވެސް ޢަމަލުކުރީ ބެއްލެއްވުމެއް ވެސް ނެތި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކަށް ބުރޫއަރާ ގޮތަށް ކަމުގައި މޭޔަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާކުތަކާއި، އާންމު ރައްޔިތުންނަށް ޚިދުމަތްދޭ އޮފީސްތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލިކަން މޭޔަރު ފާހަގަކުރެއްވިއެވެ.