މަސްތުވާތަކެއްޗަކީ އިންސާނާ ހަމަ ބުއްދިން އެއްކިބާ ކުރާ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by Asuru

ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީނުގައި އިންސާނާގެ ބުއްދިއަށް ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށާއި މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދި އާއި ހެޔޮ ވިސްނުމުން އެއްކިބާ ކުރާ އެއްޗެއް ކަމަށެވެ.

”މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް ލިބޭ ގެއްލުމަކީ އަލުން ފޫ ބެއްދޭ ވަރުގެ ގެއްލުމެއް ނޫން. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލެވުނު ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ވެސް އެއާ ދިމާއަށް ދިއުމަކީ އެކަށީގެންވާ ކަމެއް،“ ޚުތުބާގައި ބުންޏެވެ.

މިއަދު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ އަކީ މަސްތުވާތަކެތީގެ ވަބާ ކަމަށާއި އޭގެ ސަބަބުން މުޖުތަމައުގައި ކުށްތަކަށް އަރައިގަތުން ގިނަވެ އިތުރު މައްސަލަތައް ވެސް އުފެދޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މަސްތުވާތަކެތީގެ ވަބާ އަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެކެވެ. އަދި އެކަން ރާއްޖޭގައި ވެސް އާއްމުވެފައިވާ ކަމަށާއި ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މަސްތުގެ ވަބާގައި ޖެހިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.