އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލްގެ 88 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

މިގޮތުން މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސް ކާނާގެ އަގު ކަނޑައަޅާނީ އެ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކުގައެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީއެއް ހޯދުމަކީ މި މަސައްކަތުގެ މަގުސަދުކަމުގައެވެ.

މި މަސައްކަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުކާލެވޭ ކުނިން އާމްދަނީއެއް ލިބޭނެ ގޮތް ހެދުމަކީ ރަނގަޅު ވިސްނުމެއް ކަމަށެވެ.

”މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއް،“ މުއިއްޒު ފާހަގަކުރެއްވިއެވެ.