ތިލަފުށީގެ ސިނާއީ ސަރަހައްދުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

އިދިކޮޅު ޕީޕީއެމުން ބުނީ ޤަވައިދާ ޚިލާފަށް ބިދޭސީންނަށް ރާއްޖެއިން ދޫކުރާ ބިންތައް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ފެބްރުއަރީ 17 ވާ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން އިހްތިޖާޖު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ތިލަފުށިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން އާއްމުކޮށް ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެފަރާތްތަކަށް ބިން ދިނުމަށް ކަނޑައަޅާފައިވަނީ ކުލި ކޮންޓްރޯލް ކުރެވޭނެ އުޞޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ. އަދި ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫން ކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ނިސްބަތުން މަދު ބިންތަކަކަށްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެޗްޑީސީން ބުނީ ބޭރުގެ ވިޔަފާރިތައް ވެސް އަމަލުކުރަންޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ޤާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.