ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް މުޙައްމަދު ޙިސާން ޢަލީ ފަހްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ހިސާން މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހު ކަމަށެވެ.
ޙިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
