މި ސަރުކާރަށް ނުފުއްދިގެން މިއުޅެނީ ކޮން ވައުދެއްކަން އެނިވަޑައިނުގަންނަވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވެފައިވަނީ ”މިހާރު“ ނޫހަށް އެ މަނިކުފާނު ދެއްވި އެކްސްކްލޫޒިވް އިންޓަރވިޔުއެއްގައެވެ. މި އިންޓަރވިޔުގައި ނައިބު ރައީސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރުން ވައުދުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނެތި އެ ބަޔަކަށް ބޭނުންވާ ކަންކަން ކޮށްދޭން ކަމަށެވެ. އަދި ސިއްހީ ދާއިރާ ހާއްސަކޮށް އަތޮޅު ތެރެއިން ފެންވަރު ރަނގަޅު ހިދުމަތް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވީއިރު، މިއަދު އުތުރުން ފެށިގެން ދެކުނަށް ބަލާއިރު ވެސް ދުވަހަކު ވެސް ނުދެވޭ ހިދުމަތްތައް ކުރިއަރައިގެންދާތަން ފެންނަ ކަމަށް ވިދާޅުވިއެވެ.

މިކަން އިހްސާސްކުރެވޭނެ އެ ރައްޔިތުންނަށް. މިއިން އެއްވެސް ކަމަކީ ނިމުމެއް އަންނާނެ ކަމެއް ނޫން.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މުޅި ދުނިޔެ ކޮވިޑާ އެކު އޮތް ގޮތާއި ދިމާވަމުން އައި ކަންކަމާ މެދު ވިސްނާލަން ޖެހޭ ކަމަށާއި އެއީ އެއްވެސް ބަޔަކު ޕްލޭންކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ.

ކޮވިޑާ އެކު އުނދަގޫވި ކަންކަން އިހްސާސްކުރަން މިއަދު އުނދަގޫވެދާނެ. އެކަމަކު އެކަމުން ސަލާމަތްވާން ކުރަން ޖެހުނު ކޮންމެ ކަމަކީ އޭރު އެންމެ އިސްކަމެއް ދިން ކަންކަން, އެއާއެކު އިންސާފާއި ހަމަޖެހުމާ އެކު ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައި ދެވިއްޖެ.